އިސްބަސް އިހަށް

ﷲ ގެ މުޤައްދަސް ޙަޟްރަތަށް ޙަމްދާއި ޝުކުރު ބަރުތީލަ ކުރަމެވެ. ކީރިތި ރަސޫލާ މުޙައްމަދު ނަބީކަލޭގެފާނާއި އެ މާތް ރަސޫލާގެ އާލު އަޞްޙާބުންނަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާ ކުރަމެވެ.

މި އުފާވެރި މުނާސަބަތުގައި ”ދަރުމަ“ މަޖައްލާއަށް ލިޔުއްވާ ބޭފުޅުންނާއި ”ދަރުމަ“އިގެ އެންމެހައި އަހުލުވެރީންނަށް މަރުޙަބާ ދަންނަވަމެވެ.

”ދަރުމަ” މަޖައްލާއަކީ މަހަކު އެއް ފަހަރު ޝާއިޢު ކުރާ ގޮތަށް ރަޖިސްޓްރީ ކޮށްފައިވާ މަޖައްލާއެކެވެ.

ޚިޔާލު ފާޅު ކުރުމުގައި މާތްވެގެންވާ އިސްލާމްދީން ބާރު އަޅަނީ ރަނގަޅު ވާހަކަ ދެއްކުމަށެވެ. ހެޔޮ ބަސް ބުނުމަށެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ ރަނގަޅު ޚިޔާލާއި މަޒްމޫނާއި ޚަބަރު ތިޔަ އަރިސްތަކަށް ހުށަހެޅޭތޯ މަސައްކަތް ކުރުމެވެ. މީހުންގެ އަބުރާ ނުބެހިއެވެ. މުޖްތަމަޢުގެ ސުލްޙަ މަސަލަސްކަން ނުގެއްލޭނެ ގޮތުންނެވެ. އަދި އަޅުގަނޑުމެންގެ ލިޔާ ލިޔުންތައް ދިވެހި މުޖްތަމަޢުގެ އިސްލާމީ ޝަޚްޞިއްޔަތު ބަދުނާމު ވެދާނެ ކަންތައްތަކުން ސަލާމަތް ކުރުމަށް ބާރު އަޅާނަމައެވެ. ޖިންސީ ޚިޔާލުތައް އުފެއްދުމާއި ފާޚިޝް ވާހަކަތަކާއި ޚަބަރު ފެތުރުމަކީ ބައެއް ލާދީނީ މުޖްތަމަޢު ތަކުގައި ކުރާ ކަމެއް ކަމުގައި ވީނަމަވެސް އެފަދަ ކަންތައްތަކަށް އަޅުގަނޑުމެން ތަރުޙީބު ދޭކަށް ނެތީމައެވެ.

މަޣްރިބީ ތަހްޛީބު މަސައްކަތް ކުރަމުންދާ، ހުޅަގުގެ ގޮތްތަކަށް އިރުމަތީ މީހުން “ތަހްޛީބު” ކުރުމުގެ ތެރޭން އަބަދު ވެސް އެންމެ ނޭދެވޭ އަސަރެއް ފޯރާ އެއް ރޮގަކީ  އަޅުގަނޑުމެންގެ ދީނީ ރޮނގެވެ.  “މި ޒަމާނުގައި ދުނިޔޭގެ މުސްލިމުންނަށް ކުރިމަތިވެފައި ވަނީ “ސިކުނޑީގެ ހަގުރާމަ” އެކެވެ. “ކަރަށް ރާއެޅުމުގެ”، ބަދަލުގައި މިއަދު ”ރާ އެޅެމުން ދަނީ” ހިތްތަކާއި ސިކުނޑިތަކަށެވެ. ޔަޢުނީ މުސްލިމުންގެ ހިތްތަކާއި ސިކުނޑިތަކަށް ވައްދައިދޭން މަސައްކަތް ކުރަނީ އެބައި މީހުންގެ ދީނަކީ ދުވަސް ގޮސް، މުސްކުޅިވެ، އޭގެ ބޭނުން ނެތިފައިވާ އެއްޗެއް ކަމަށެވެ. އެ ދީނުގައި ހިފަހައްޓަން އުޅުމަކީ ބޭނުމެއް ނެތް ބޭކާރު ކަމެއް ކަމަށެވެ. ދުނިޔޭގައި ރަށްވެހިވެ ތަރައްޤީވުމަށް އެޅޭ ހުރަހެއް ކަމަށެވެ.”

އަޅުގަނޑުމެންގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫނު ޢަބްދުލްޤައްޔޫމް އެމަނިކުފާނުގެ ތަޤްރީރު ތަކުގައި އަޅުގަނޑު މެން މާތްވެގެންވާ އިސްލާމްދީނުގައި ގަދައަށް ހިފަހައްޓައިގެން ތިބުމަށް ބާރު އަޅުއްވައި ވާހަކަފުޅު ދައްކަވަނީ މިދެންނެވި ސަބަބުތައް އެމަނިކުފާނަށް ރަނގަޅަށް ވިސްނި ވަޑައިގަންނަވާތީ ކަމާމެދަކު ޝައްކެއް ނެތެވެ. ވީމާ އަޅުގަނޑުމެންގެ ”ދަރުމަ“ މަޖައްލާގައި ހިމަނާފައިވާ ލިޔުންތައް ހިމަނާފައި ވާނީ މި ކަންކަމަށް ވެސް ޚިޔާލު ކުރުމާ އެކުއެވެ.

“ދަރުމަ” މަޖައްލާގައި އިގިރޭސި ބަހުގެ ބަޔަކާއި ޢަރަބި ބަހުގެ ކޮލަމް އެއް ހިމަނާފައި ވާނެއެވެ.

މުޅިން ފަސޭހަ ނުކުރެވޭ ބަލިތަކުގެ ތެރެއިން ހަކުރު ބަލީގެ މަޢުލޫމާތާއި ދަރިމައިވުމާއި ޞިއްޙަތާއި ބެހޭ މަޢުލޫމާތާއި ދިވެހި އަދަބިއްޔާތުގެ ފަންނުގައި ފުންނާބު އުސް ލިޔުންތެރިންގެ ކުރު ވާހަކަތައް މިމަޖައްލާގައި ހިމެނެއެވެ.

ހަރުދަނާ މުޖްތަމަޢު އެއް ބިނާ ކުރުމަށް ވެރިންނާއި ރައްޔިތުންނަށް ކަންކަމުގައި އެއްބާރުލެވިގެން މެނުވީ ދައުލަތެއް ހެޔޮ ގޮތުގައި ނުހިގާނޭ ފަދައިން ދެމަފިރިންގެ ކަންތަކުގައި ވެސް އެއްބާރުލެވިގެން މެނުވީ ޢާއިލާއެއް ހެޔޮ ގޮތުގައި ނުހިންގޭނޭ ކަން ކަށަވަރެވެ. ހެޔޮ ގޮތުގައި ނުބެލެހެއްޓޭ ޢާއިލާއަކަށް ހިތްހަމަޖެހުން ނުލިބުމާ ރަނގަޅު ގޮތުގައި ނުހިގާ ދައުލަތެއްގެ ރައްޔިތަކަށް އުފާވެރި ކަމާ ހަމަހިމޭންކަން ނުލިބުމަކާއި ކުޑަވެސް ތަފާތެއް ނެތެވެ. އެގޮތުން ޢާއިލާއަކީ މުޖްތަމަޢު އެއްގެ ބިންގާ ކަމުން ކައިވެންޏާއި ތަރުބިއްޔަތުގެ ވާހަކަ މިޢަދަދުގައި ހިމެނީމެވެ.

ދުނިޔޭގެ ކަންކޮޅުތަކުގައި އުޅޭ  އަޅުގަނޑުމެންގެ އަޚުންގެ ވާހަކަތަކުގެ ތެރެއިން  އެރިޓްރިޔާ އާއި ފަލަސްޠީނުގެ ވާހަކަ ”ދަރުމަ“އިން ވިދާޅުވާށެވެ.

ތިޔަ ބޭފުޅުން މުނިފޫހި ފިލުވާލެއްވުމަށް  “ބުއްދިވެރިންގެ ހޮޅުއައްޓާ“އި ޅެންވެރިންގެ ޞަފްޙާ އާއި ތާރީޚްގެ ތެރެއިން ”ފައިބޯޅަ”އިގެ ވާހަކަ ވިދާޅުވުމުން އެ ޒަމާނުގެ މޮޅެތި ކުޅުންތެރިންނަށް ފިނިފެންމަލުގެ “ވާރޭ” ވެހޭގޮތާއި މި ޒަމާނުގެ މެރެޑޯނާގެ މަޝްހޫރުކަން އޮންނަ ފަދައިން އެ ޒަމާނުގައި ވެސް މޮޅަށް ކުޅޭ ކުޅުންތެރިންނަށް ޚާއްޞަ ލޯތްބެއް އޮންނަކަން އެގިވަޑައިގަންނަވާނެއެވެ.

”ދަރުމަ“ އަށް ލިޔުއްވަން ބޭނުންފުޅުވާ ފަރާތްތަކަށް އަޅުގަނޑުމެން ހުރަސް އަޅާކަށް ނެތީމައެވެ. މުޖުތަމަޢުއަށް ފައިދާ ކުރާނެ ހުރިހާ ރޮގަކުން ލިއުއްވުމުގެ ފުރުޞަތު ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ. އެގިވަޑައިގަންނަވާނެ ފަދައިން ރާއްޖޭގައި ނިކުންނަ މަޖައްލާ ތަކަކީ ހެދިބޮޑުވުމުގެ ކުރިން މިލާ މޯޅިވާ، އެއްޗެކެވެ. އަޅުގަނޑުމެންގެ މަޖައްލާ ”ދަރުމަ“ ދެމިއޮތުމުގެ ހަމައެކަނި އުއްމީދަކީ ތިޔަބޭފުޅުން ދެއްވާ ތަރުޙީބެވެ.

”ދަރުމަ“ އަށް ލިޔުއްވި ލިޔުންތެރިންނަށާއި އެހީތެރިވެ ދެއްވި ފަރާތްތަކަށް ޝުކުރު ދަންނަވަމެވެ.

– އިބްރާހީމް ސަލީމް އަޙްމަދު، ގ.ހިތިފަރު –

މިވެސް މުހިންމު