ތައުބާވުމަށް އަވަސްވެގަންނާށެވެ!

ގަދަކީރިތިވަންތަ މާތްﷲ އިންސާނާ ހައްދަވާ އޭނާއަށް ހެޔޮމަގު ބަޔާން ކޮށްދެއްވުމަށް ރަސޫލުންނާއި ނަބީން ފޮނުއްވާފައި ވެއެވެ. އިންސާނުން އުޅެންވީ ގޮތާއި، ނޫޅެންވީ ގޮތް ކުރުން ހެޔޮވާ ކަންތަކާއި، ހެޔޮނުވާ ކަންތައް ވަނީ އެ ބޭކަލުން ނުހަނު ފުރިހަމަ ގޮތެއްގައި އަންގަވާ ދެއްވާފައެވެ. ނަމަވެސް ހެޔޮކަމާއި، ނުބައިކަމުގެ ބާރުތައް ނަފުސުގައި އެކުލެވިގެންވާ އިންސާނާ ވަރަށް ގިނަ ފަހަރަށް ޙައްޤުގެ މަގުން އެއްކިބާވެއެވެ. އެއީ އެބައި މީހުންގެ ކިބައިގައި ހުންނަ ފިޠުރީ ނޭއްގާނި އެދުންތަކެއްގެ ސަބަބުން ނުވަތަ ހެޔޮގޮތާއި، ނުބައި ގޮތް ނޭގުމުގެ ސަބަބުންނެވެ. ސަލާމާއި ޞަލަވާތް ލެއްވި އިތުރު އެކަލޭގެފާނު ޙަދީޘް ކުރައްވައިފައިވާ ބަސްފުޅުގެ މާނާގައި ވެއެވެ. “ކޮންމެ އާދަމުގެ ދަރިއަކީ ވެސް ކުށްކުރާ މީހެކެވެ. އަދި ކުށްކުރާ މީހުން (ޔައުނީ އާދަމުގެ ދަރިން) ގެ ތެރެއިން އެންމެ ހެޔޮ ބަޔަކީ ތައުބާވާ މީހުންނެވެ. ކުށް ކުރެވުމަކީ، އެކަށީގެންވާ ކަމެއް ކަމުން އިސްލާމްދީންގައި ތައުބާގެ ދޮރު ވަނީ ވަރަށް ތަނަވަސްކޮށް ހުޅުވާލެވިފައެވެ. ރަޙްމާންވަންތަ ރަޙީމްވަންތަ މާތްﷲ ގެ ރަޙްމަތުގެ ހުރި ތަނަވަސްކަން ހާމަކުރައްވަމުން ކީރިތި ޤުރުއާނުގައި ވަޙީ ކުރައްވާފައިވާ ބަސްފުޅުގެ މާނާގައި ވެއެވެ. “ކަލޭގެފާނު ވިދާޅުވާށެވެ! އެބައި މީހުންގެ އަމިއްލަ ނަފުސުތަކުގެ މައްޗަށް ފާފައިން އިސްރާފު ކޮށްފައިވާ ތިމަން ރަސްކަލާނގެ އަޅުތަކުންނޭވެ. ތިޔަބައި މީހުން ﷲ ގެ ރަޙްމަތުން އުންމީދު ކަނޑާނުލާށެވެ. ހަމަކަށަވަރުން ﷲ އީ، އެންމެހައި ފާފަތައް ފުއްސަވާ ރަޙީމްވަންތަ ރަސްކަލާނގެއެވެ.”

އިސްލާމްދީނުގެ އިލްމުވެރިން ވިދާޅުވާ ގޮތުގައި އެންމެހައި ކުދި ފާފަތަކުންނާއި، ބޮޑެތި ފާފަތަކުން ތައުބާވުމަކީ ވާޖިބުވެގެންވާ ކަމެކެވެ. ތައުބާގެ މާނައަކީ، ނުބައި ކަންތައްތައް ދޫކޮށް ހެޔޮ ކަންތައްތަކަށް އެބުރި އައުމެވެ. ﷲ އާއި އެކަލާނގެ ރަސޫލާ ނަހީ ކުރައްވާފައިވާ ކަންތައް ދޫކޮށްލާ އެ ދެފަރާތުގެ އެންގެވުންތަކަށް ބޯލަނބާ ކިޔަމަން ގަތުމެވެ. ތައުބާވުމަށް ގޮވައިލައްވާ ކީރިތި ޤުރުއާނުގައި ވަޙީ ކުރައްވާފައިވާ ބަސްފުޅުގެ މާނާގައި ވެއެވެ. “އޭ މުއުމިނުންނޭވެ. ތިޔަ އެންމެ ތަކުން ﷲ އަށް ތައުބާވާށެވެ. އޭރުން ތިޔަބައި މީހުންނަށް ކާމިޔާބު ލިބޭ ހުއްޓެވެ.” އަޅުގަނޑުމެން މުސްލިމުންގެ އެންމެ ފުރިހަމަ ނަމޫނާ ކަމުގައިވާ މިއުންމަތުގެ މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ އަލައިހި ވަސައްލަމައަކީ، އިސްވެ ގޮސްފައިވާ ކަންތައްތަކާއި، ފަހުން ކުރެއްވޭނެ ހައި ކަންތައްތަކެއް ފުއްސަވައިފައިވާ ބޭކަލެކެވެ. އެހެންކަމާއެކު ވެސް އެ މާތް ސާހިބާ ގިނަގިނައިން އިސްތިޣުފާރު ކުރައްވާ ތައުބާވެ ވަޑައިގަންނަވައެވެ.

އަޅުގަނޑުމެން އިންސާނުންނަކީ، އެގިގެންވާ ހާލުގައްޔާއި، ނޭނގި ތިބޭ ހާލުގައި ކުށްފާފައަށް ހުށަހެޅޭ ބަޔެއް ކަމުގައިވީ ހިނދު ތައުބާވުމަށް އަވަސްވެ ގަތުމަކީ، ވާޖިބުވެގެންވާ ކަމެކެވެ. ތައުބާވުމަކީ، ކުށް ކުރެވުނު މީހާގެ ޒަމީރު އަލުން ހޭލައި، ތެދުމަގުން އެއްކިބާވެވިއްޖެކަން އިޙްސާސްވެ، އަލުން އެ މަގަށް ރުޖޫޢަވެ. އެ މަގުގައި ސާބިތުވެ ހުރުމަށް އަޒުމް ކަޑައެޅުމެވެ. މާތް ﷲ ހަނދުމަކޮށް އެކަލާނގެ ޙައްޤުފުޅާމެދު ތަޤްޞީރު ކުރެވުނު ކަމަށްޓަކައި އިޚްލާސްތެރި ކަމާއެކު އެކަލާނގެއަށް ދުޢާކޮށް އިސްތިއުމާރު ކުރަމެވެ.

އިލްމުވެރިން ވިދާޅުވާ ގޮތުގައި ތިމާ ކޮށްފައިވާ ނުބައިކަމަކީ ތިމާ އާއި ތިމާ ހެއްދެވި ފަރާތާ މެދުގައިވާ ކަމެއްނަމަ ތައުބާވުމަށް 3 ޝަރުތެއް ވެއެވެ. ފުރަތަމަ ކަމަކީ ފާފަ ކުރަން ދޫކޮށްލައި އެކަމުން އެއްކިބާވެ ގަތުމެވެ. އެހެނީ ފާފަކުރަމުން ފާފައިން ތައުބާވުމަކީ މުސްތަހީލް ކަމެކެވެ. ދެވަނަ ކަންތައްތަކެއް އިސްތިއުފާގިގެންވާ ހާލުތައުބާވުމަށް ކަމަކީ ތިމާއަށް ކުރެވުނު ފާފައިގެ މައްޗަށް ދެރަވެ ހިތާމަ ކުރުމެވެ. ތިންވަނަ ބި ޑީހައަށް އަރައި ނުގަތުމަށް ހިތުގައި ފުރިހަމައަށް ޢަޒުމް ކަނޑައެޅުމެވެ. ތިމާ ކޮށްފައިވާ ނުބައި ކަމަކީ އެހެން މީހަކާ ގުޅުން ހުރި އެހެން މީހެއްގެ ޙައްޤު އެކުލެވިގެންވާ ކަމެއް ކަމުގައި ވާނަމަ އިސްވެ ބަޔާން ކުރެވުނު 3 ޝަރުތުގެ ތެރެއަށް 4 ވަނަ ޝަރުތެއް އިތުރުވެއެވެ. އެއީ ޙައްޤު ވެރިޔާއަށް އޭނާގެ ޙައްޤު ރައްދު ކުރުމެވެ. ނުވަތަ އެކަމަށް މަޢާފް އެދި މަޢާފު ލިބިގަތުމެވެ. ފުރިހަމަ ގޮތުގައި ތަޢުބާ ވެވޭނީ އިސްވެދިޔަ ގޮތަށް ޢަމަލު ކޮށްގެން ކަމުގައި ޢިލްމްވެރިން ވިދާޅުވެއެވެ.

ތެދުވެރި ގޮތުގައި ތައުބާވާހިނދު އެކަމާއި ގުޅިގެން ހެޔޮލަފާ ޢަމަލުތައް ކުރުންމަތީ ދެމިހުރުން ލާޒިމްވެގެން ވެއެވެ. ދީނީ ވާޖިބުތައް އަދާކުރުމުގައި އިތުރަށް މުރާލިވެ ހީވާގިވާން ޖެހެއެވެ. އެހެނީ ފާފައިން ތައުބާވުމަށް ފަހު ހެޔޮ ޢަމަލު ކުރުންމަތީ ދެމިތިބުމަކީ، “ތެދުވެރި ތައުބާ” އެއް ކަމުގެ ފާޅުކަން ބޮޑު އަލާމަތެކެވެ. މިކަމަށް އިޝާރާތް ކުރައްވާ މާތްﷲ ވައި ކުރައްވާފައިވާ ބަސްފުޅުގެ މާނާގައި ވެއެވެ. “ހަމަކަށަވަރުން ތިމަން ރަސްކަލާނގެއީ ތައުބާވެ އަދި އީމާންވެ ހެޔޮލަފާ ޢަމަލުތައް ކޮށް، އަދި އެއަށްފަހު ތެދުމަގުގެ ހިދާޔަތް ލިބިގަތް މީހުންގެ ފާފަތައް ފުއްސަވާ ކަލާނގެއެވެ.“

ﷲ ޙައްޤުފުޅާމެދު ތަޤްޞީރުކޮށް، ދީނީ ވާޖިބުތަކާއި މެދު އިހްމާލްވެފައިވާ މީހާގެ ކިބައިން އެދެވިގެން ވަނީ ﷲ ގެ ކިބައަށް ރުޖޫޢަވެ، ދީނީ ވާޖިބުތަކާއި މެދު ސަމާލުވެ ހެޔޮ ޢަމަލު ކުރުމަށް އަވަސްވެ ގަތުމެވެ. މިއީ ޒުވާން އުމުރު ކަމަށާއި، ތައުބާވާނީ ޢުމުރުގެ ފަހުކޮޅުގައި ކަމަށް ބުނުމަކީ، ޝައިޠާނާގެ ވަސްވާހުގެ ތެރޭގައި ހިމެނޭ މޮޔަ ޚިޔާލެއް ކަމާމެދަކު ޝައްކެއް ނެތެވެ. އެއްވެސް މީހަކަށް ތިމާގެ މަރު ތިމާއާއި ބައްދަލު ކުރާނީ ކޮން ވަގުތަކުން ކަމެއް އެނގިގެންނެއް ނުވެއެވެ. ޢަމަލު ކުރުމަށް ލިބިފައިވާ ފުރުޞަތަކީ، އެއްވެސް މީހަކަށް ތިމާގެ މަރު ތިމާއާއި ބައްދަލު ކުރާނީ ކޮން ވަގުތަކުން ކަމެއް އެނގިގެންނެއް ނުވެއެވެ. ޢަމަލު ކުރުމަށް ލިބިފައިވާ ފުރުޞަތަކީ، ޢުމުރުގެ ދުވަސްތަކެވެ. ދިރިއުޅުމުގެ ފުރުޞަތަކީ ވެސް އިންސާނާއަށް ހަމަ އެންމެ ފަހަރަކު ލިބޭ ނަސީބެކެވެ. ބައްދިވެރިއަކީ ޙަޔާތުގެ ދުވަސްތައް ހެޔޮ ކަންތައް ކުރުމުގައި ހޭދަކުރާ މީހާއެވެ. ތިމާ އަށާއި ތިމާ އުޅޭ މުޖުތަމަޢަށް ފައިދާ އާއި މަންފާ ހުރި ހެޔޮ ޢަމަލުތައް ކުރާ މީހާއެވެ. ސަލާމާއި ޞަލަވާތް ލެއްވި ކީރިތި ރަސޫލާ ޙަދީޘް ކުރައްވާފައިވާ ބަސްފުޅުގެ މާނާގައި ވެއެވެ. ބުއްދިވެރިއަކީ ތިމާގެ ނަފުސުގެ ހިސާބު ބަލާ މަރުވުމުގެ ފަހަށް ހުރި ކަންތައްތަކަށްޓަކައި މަސައްކަތް ކުރާ މީހާއެވެ. ތިމާގެ ނަފުސު އެދޭހައި ގޮތަކަށް އުޅެމުން ހެޔޮގޮތް މެދުވެރިވުމަށް އެދޭ މީހާއީ ނުކުޅެދުންތެރިއެކެވެ.”

ތައުބާވުމަށްޓަކައި ވަކި ތަނަކަށް ދެވެން ދެން، ނުވަތަ ވަކި ވަގުތެއް ޖެހެންދެން ތިބުމަކީ، ބުއްދިވެރިންގެ ގޮތެއް ނޫނެވެ. ﷲ ތަޢާލާ އަކީ، ހުރިހާ ވަގުތެއްގައި ވެސް އައްސަވާ ވޮޑިގެންވާ ބައްލަވާ ވޮޑިގެންވާ ރަސްކަލާނގެއެވެ. އަޅުތަކުންގެ ދުޢާ އިޖާބަ ކުރެއްވުމުގައި ދީލަތިވެ ވޮޑިގެންވާ ރަސްކަލާނގެއެވެ. ޞަޙީޙު މުސްލިމްގައި އަބޫމޫސާ އަލްއަޝްޢަރީ ރިވާ ކުރެއްވި ޙަދީޘް ފުޅެއްގެ މާނާގައި ވެއެވެ. “ހަމަކަށަވަރުން ﷲ ސުބުޙާނަހޫ ވަތަޢާލާ ދުވާލު ފާފަކޮށް ތައުބާވާ މީހުންގެ ފާފަ ފުއްސެވުމަށްޓަކައި ރަޙުމަތުގެ އަތްޕުޅު ރޭގަނޑު ފަތުރުއްވާލައްވައެވެ. ރޭގަނޑު ފާފަކޮށް ތައުބާވާ މީހުންގެ ފާފަ ފުއްސެވުމަށްޓަކައި، އެކަލާނގެ ރަޙުމަތުގެ އަތްޕުޅު ދުވާލު ފަތުރައްވާލައްވައެވެ. އެއި ހުޅަނގު ކޮޅުން އިރު އަރައްޖައުމަށް ދާންދެނެވެ.“

މިވެސް މުހިންމު